މާލީ މުޢާމަލާތުތަކުގެތެރޭގައި ހިމެނޭ އިސްލާމްދީން ޙަރާމްކުރާ ކަންކަމުން ސަލާމަތްވާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ޙަލާލުގޮތުގައި މާލީ މުޢާމަލާތްތައް ކުރުން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދީފައިވާ ފަދައިން، މުޢާމަލާތުގެ ބަޔަށް ވެސް އިސްކަންދީފައިވާ ކަމަށެވެ.
ހުތުބާގައި ބުނީ الله سُبْحَانَهُ وَتَعَالَى ހެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ މާތްކުރައްވައި، މަތިވެރި ކުރައްވާފައި ވަނީ އިންސާނާ ކަމަށެވެ. އަދި އެއީ، އޭނާއަށް ހެވާއި ނުބައި ވަކިކޮށް، ދެނެގަނެވޭނެ ބުއްދި ދެއްވުމުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”ބަވަނަވެފައިވާ ދުނިޔެއެއްގައި، މުޅި އިޤުތިޞާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތް އިރު، މާލީ މުޢާމަލާތުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަމުން ސަލާމަތްވާން ޖެހޭ“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުޢާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި، މުއައްސަސާތައް ނުހިންގޭނެ ކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެ ގޮސްފައިވާ ކަމަށެވެ.
މިގޮތުން މިއަދު މުސްލިމް ޤައުމުތަކުގެ އިތުރުން އެހެނިހެން ޤައުމުތަކުގައި ވެސް އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުޢާމަލާތުތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ވަނީ ކާމިޔާބުކަމާ އެކު ހިންގަން ފަށާފައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމީ އުޞޫލުތަކާ އެއް ގޮތަށް ފައިސާގެ މުޢަމަލާތުތައް ކުރުމަކީ، ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރުކުރައްވާނޭ ގޮތްކަމަށެވެ.
އިސްލާމް ދީނުގައި ރިބާގެ ހުރިހައި މުޢާމަލާތުތަކެއް ޙަރާމްކުރައްވާފައި ވަނީ އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމަޢު ސަލާމަތް ކުރުމަށް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ވިޔަފާރިކުރުން ވަނީ، الله، ހުއްދަކުރައްވާފައި ކަމަށާއި އަދި، رِبا ވަނީ حرامކުރައްވާފައި ކަމަށެވެ.
މީގެ އިތުރުން ހުތުބާގައި ވަނީ އަހަރެމެން ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދާފައިވާ ފައިސާ ކަމުގައި ހަދަންޖެހޭ ކަމަށް ބުނެފައެވެ.




