ކުލާސްރޫމުގެ ތެރޭ އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މި އިލްތިމާސްކުރެއްވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 – 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ، ތަޢުލީމީ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކުރަންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ނެރުއްވާ ރިޕޯޓްތަކުގައި ވަރަށް ގިނަ ފަހަރު ވިދާޅުވާ ވިދާޅުވުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެ ކަމާ ގުޅިގެން ބައެއް ސުވާލުތައް އުފައްދަވައި ދަރިވަރުންނާއި، މުދައްރިސުންނާ ވަނީ ކުރައްވާފައެވެ.
”މީގެކުރިން ތަޖުރިބާ ނުކުރާ ކަމެއް ކިޔަވާކުދިން މިހާރު ތަޖުރިބާކުރޭބާ. ދަރިވަރުން ކިޔެވުމަށް މިހާރުވެސް މަސައްކަތްކުރާ މިންވަރަކީ ހަމަކުރިންވެސް މަސައްކަތްކުރި މިންވަރުބާ. އުނގެނުމަށް ކުރިން ފަހިވެފައި ނެތް ފުރުޞަތުތަކެއް މިހާރު އުނގެނުމުގެ މާޙައުލުގައި ފަހިވެފައި އެބައޮތްބާ. ހަމައެއާއެކު އުނގެނުމަށް ހުރަސްއެޅޭ ފަދަ ކަމެއް ކުރިމަތިވަމުން ދޭބާ“ ދަރިވަރުންނާ ބެލެނިވެރިންނާ މުޚާޠަބުކުރައްވާ މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 – 2024ގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކުލާސްރޫމުގައި މުދައްރިސަކީ ދަރިވަރުންގެ އުނގެނުމުގައި ވަރަށް ޚާއްޞަ ބައިވެރިއެއް ކަމަށް ވިދާޅުވިއެވެ. އަދި އުނގަންނައިދިނުމުގެ ހުނަރުތައް މި ޒަމާނުގައި ބޭނުންކުރައްވާ ނަމަ ކުލާސްރޫމުގައި، މުދައްރިސުގެ ޙަރަކާތްތަކަށް ވުރެ ދަރިވަރުގެ ޙަރަކާތްތައް ނުވަތަ ޢަމަލުތައް ގިނަވެގެން ދާނެކަމަށް ވިދާޅުވިއެވެ.



