ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެނެވޭނެ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ތޯރިގް މިހެން ވިދާޅުފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް މިދިޔަ ހަފްތާގައި ވަޑައިގެން އެ ޤައުމުގައި ބޭއްވި ބިޒްނަސް ފޯރަމްއަށްފަހު، ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް މުޢިއްޒުގެ އެ ދަތުރުފުޅުގައި ބޭއްވި އެ ބިޒްނަސް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ސިންގަޕޫރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނާ ހިއްސާ ކުރުމަށް ބޭއްވި ފޯރަމެކެވެ. އެ ފޯރަމްގައި 200 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވިއެވެ. އަދި އެ އިންވެސްޓަރުންނާއެކު ޚާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ވަނީ ބާއްވާފައެވެ. އެ ޑިސްކަޝަންގައި ޓޫރިޒަމް މިނިސްޓަރ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ތޯރިގް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން އެ ޑިސްޚަޝަންގައި ވާހަކަ ދެއްކެވި ކަމަށެވެ.
އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އަލަށް އިންވެސްޓުކުރުމަށް ހުޅުވާލި ފުރުސަތުތަކާއި، ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީ ހިމެނޭހެން ގާތްގަޑަކަށް 31 މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން ފާހަގަކުރައްވާއި، އެ މަޝްރޫޢުތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވިކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ހަލާލް ޓުއަރިޒަމަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ އެއް ދާއިރާއަށްވާއިރު، ރާއްޖޭގައިވެސް މިދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލްތައްވެސް އިންވެސްޓަރުންނާއި ހިއްސާކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މި ފޯރަމްގެ ސަބަބުން ސިންގަޕޫރުގެ އިންވެސްޓަރުންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖެއަށް އިތުރު އިންވެސްޓްތައް ގެންނާނެ. އަދި މިހާރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުންވެސް އެމީހުންގެ އިންވެސްޓްމަންޓްތައް ފުޅާވެގެންދާނެކަމަށް ޤަބޫލުކުރަން.“ މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
ބިޒްނަސް ފޯރަމްގެ ތެރެއިން ވަނީ އެސްއީޒެޑްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢު 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުގެ ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެވެ.



