އުމުރު ހަމަނުވާ ކުއްޖަކު އެލްކޭޖީއަށް ބަދަލުކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ކެންގަރޫ ކިޑްސް ޕްލޭ ސްކޫލަށް އެ ކުއްޖާ ވައްދާފައިވަނީ 2023 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ އަހަރު އެ ކުއްޖާ ވަނީ ނާސަރީ ފުރިހަމަ ކޮށްފައެވެ.
ނަމަވެސް މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު، އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ބަދަލުކުރާއިރު ބަލަންޖެހޭ އުމުރު ކަނޑައަޅާފައިވާ ގޮތުން، އެލްކޭޖީއަށް ބަދަލުވުމުގެ ފުރުސަތު ގެއްލި، އެ ކުއްޖާ ނާސަރީގައި ރިޕީޓު ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމާ ގުޅޭގޮތުން އެޑިއުކޭޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި މި އަހަރު ދިރާސީ އަހަރަށް އެލްކޭޖީއަށް ދެވޭނީ، 31 ޑިސެމްބަރު 2024އަށް، ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނަށެވެ. މި ކުއްޖާއަށް ހަތަރު އަހަރު ފުރެނީ މި މަހު 13 ގައެވެ.
މިކަމާ ގުޅިގެން ކުއްޖާގެ މައިންބަފައިންގެ ފަރާތުންް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވެސް ނިންމީ، ކުއްޖާ އެލްކޭޖީއަށް ޕްރޮމޯޓު ނުކުރެވޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ފަހު، އެކަމާ މެދު ގޮތެއް ނިންމެންދެން ކުއްޖާ ނާސަރީން އެލްކޭޖީއަށް ބަދަލުކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދޭން ކުއްޖާގެ މައިންބަފައިންގެ ފަރާތުން ވަނީ އެދިފައެވެ.
ކުއްޖާގެ މައިންބަފައިން ފާހަގަކޮށްފައިވާ ގޮތުގައި ކުއްޖާއަކީ އެ އުމުރުގެ އެހެން ކުދިންނާ އަޅައިބަލާއިރު އުނގެނުމާއި ވިސްނުމުގައި އާއްމު މިންގަނޑަށް ވުރެ މޮޅު ކުއްޖެކެވެ.
އެކަމަށް ބާރުދޭ ސައިކޮލޮޖިކަލް އެސެސްމަންޓުތަކާއި، ކުއްޖާގެ ޑޮކްޓަރުގެ ލިޔުންތައް ވެސް ހުށަަހެޅި އެވެ.
މީގެއިތުރުން މިދިޔަ އަހަރު ކިޔެވި އެއްޗެހި މި އަހަރު ވެސް އަލުން ކިޔަވަން ޖެހުމަކީ ކުއްޖާގެ ކިޔެވުމަށާއި އުނގެނުމަށް އޮންނަ ޝައުގުވެރިކަމަށް ހުރަސްއެޅޭނެ ކަމެއްކަން ކުއްޖާގެ މައިންބަފައިން ފާހަގަ ކުރިއެވެ.



