ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން އެ ޤައުމުގެ ކުންފުންޏަކުން މަސްދަޅު އުފައްދައިފިއެވެ. މިއީ އެ ކުންފުނިން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ.
ޗައިނާއިން މަސްދްޅު އުފައްދާފައިވަނީ އެ ޤައުމުގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ.
ރާއްޖޭގެ ކަނޑުމަހުން އުފެއްދި މަސްދަޅުގެ ސާމްޕަލް، ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް ވަނީ އަރުވާފައެވެ. މިކަމަށްޓަކައި ޗައިނާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަސައްކަތަކީ ރާއްޖެ – ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއް ކަމަށެވެ.
ރާއްޖެ – ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއިއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ވަނީ ސުންރޭޓަށް ދަށްވެފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މި އެއްބަސްވުމުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފްވެގެން ދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެޅުއްވެވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް އިތުރު އައު މާކެޓްތައް ހުޅުވި ރާއްޖޭގެ މަހުގެ އަގު އުފުލި ޑިމާންޑް އިތުރުވެގެންދާނެކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖެ – ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.



