ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނުވަވަނަ އެޑިޝަން 2025 ސެޕްޓެމްބަރު މަހު އަވަށްޓެރި ޝްރީ ލަންކާގެ ކޮލޮމްބޯގައި ބާއްވަން ނިންމައިފިއެވެ.
ފާއިތުވީ އަހަރުތަކުގައި ދެކުނު އޭޝިއާގެ މަަޝްހޫރު ތަންތަނުގައި ވަނީ ސަޓާ ބާއްވާފައެވެ. އޭގެތެރޭގައި މައުންޓް ލަވީނިއާ، ގޯލް ސިޓީ، ބެންގަލޫރު، މުމްބާއީ، އައްޑޫ ސިޓީ، ކަތަމަންޑޫ އަދި މާލެ ވެސް ހިމެނެއެވެ.
ސަޓާ އިން ބުނި ގޮތުގައި، ކުރިއަަށް އޮތް އެޑިޝަނަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އިވެންޓެކެވެ.
މި އެޑިޝަނުގައި ވެސް ސަރަހައްދީ ދަތުރުފަތުރާއި ހޮސްޕިޓެލިޓީ ދާއިރާގެ ތަރައްގީއާއި އައު އީޖާދުތަކަށް ފާހަގަކުރާނެ ކަމަށް ސަޓާއިން ބުނެފައިވެއެވެ.
މި އަހަރު ސަޓާގައި ދެކުނު އޭޝިއާގެ ހަ ގައުމަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
އެގޮތުން ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި، ޚިދުމަތްދޭ ފަރާތްތައް ހިމެނޭގޮތަށް 500 އަށްވުރެ ގިނަ ނޮމިނޭޝަން މި އަހަރު ލިބިފައިވާ ކަމަށް ސަޓާއިން ބުނެއެވެ.
މި އަހަރުގެ ސަޓާ އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ ޖަނަވަރީ މަހެވެ.
ޝްރީ ލަންކާގެ ކޮލޮމްބޯއާއި އިންޑިޔާގެ ބެންގަލޫރާއި ނިއު ދިއްލީގެ އިތުރުން، ނޭޕާލުގެ ކަތުމަންޑޫގައި ވެސް ސަޓާގެ އިވެލުއޭޝަން ވަނީ ބާއްވައިފައެވެ. އެއަށްފަހު ބުޓާންގެ ޕާރޯއާއި، މި ސަރަހައްދުގެ އިތުރު ސިޓީތަކުގައި ވެސް އިވެލުއޭޝަން ބާއްވާނެއެވެ.




