ހދ. ހަނިމާދޫ އެއާޕޯޓު ބޭރު ފަރާތަކަށް ވިއްކާލަން އުޅޭކަަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަތުރާފައިވަނީ ”ބުހުތާން“ ދޮގު ކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ހިންގަވާ ޕީއެންއެފްއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިހާރު 88 ޕަސެންޓު މަސައްކަތް ނިމިފައިވާ ހަނިމާދޫ އެއާޕޯޓް، އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދެއް މިދިޔަ ހަފްތާގައި ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެ ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ ޗެއާމަން ގޯތަމް އަދާނީއާ ސަރުކާރުން ބައްދަލުކުރި ކަމަށް އެނގިފައިވާ ކަމަށް ރައީސް ޔާމީން އެ ޖަލްސާގައި ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެ ވާހަކައަށް ރައްދު ދެއްވައި އިކޮނޮމިކް މިނިސްޓަރ ސައީދު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ވިއްކާލަން ވެސް ކުއްޔަށް ދޭން ވެސް ނޫޅޭ ކަމަށެވެ.
”ހަނިމާދޫ އެއާޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނު ދޮގެއް،“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.



