ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހުޅުވާލައިފިއެވެ.
ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ ފަރާތްތަކުގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ތައާރަފުކުރި ޕްރޮގްރާމެކެވެ.
އެމްއެމްޕީއާރްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕްރޮގްރާމަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގްބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރެވޭ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމުގެ މަގުސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަގާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުން ކަމަށްވެސް އެމްއެމްޕީއާރްސީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީން އިތުރަށް ބުނިގޮތުގައި އެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވިޒިބިލިޓީ ލިބިގެންދާނެއެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެ ފަރާތެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ހިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށް proposals@visitmaldives.com އަށް އީމެއިލް ކުރުމަށް އެމްއެމްޕީއާރްސީން އެދިފައިވެއެވެ.



