މާލެއިން ގެއްލުނު ފުވައްމުލައް ހޯދަޑު / ބޯގަންވިލާ ސާމީ ޢަބްދުލްޙަމީދު (34އ)، ގެއްލިގެން ހޯދަން އިއުލާނު ކުރި ދުވަހު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ސާމީ ގެއްލިގެން ހޯދަން އިއުލާނު ކުރީ މި މަހުގެ 3 ވަނަ ދުވަހު އެވެ.
އެދުވަހު ފުލުހުން ވިދާޅުވީ، 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ ޢަބްދުލްޙަމީދުގެ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު 18:16 ހާއިރު ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު، އެވަގުތު އޭނާ ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމީހާ އަމިއްލައަަށް ހަމަ އެ ދުވަހު ގެއަށް ގޮސްފައިވާ ކަމަށް ފުލުހުންނަަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ސާމީ ފެނުމާއެކު، އޭނާ ގެއްލިގެން ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓު މިހާރު ވަނީ ނަގާފައެވެ.


