ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެއްބަސްވުން ބާތިލުކުރަން ޖެހުނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ހެކްސްޓާ ކުންފުނިން ބަލައިނުގަތުމުގެ ސަބަބުން ކަމަށެވެ.
އަދި މި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް މިހާރު އިވެލުއޭޓްކުރަމުންދާ ކަމަށާއި، މި މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށްފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވެފައިވެއެވެ.
އޭގެ ތެރެއިން ފުރަތަމަ 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި މި އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތްތަކަށް ފަހިވާނެ ގޮތަށް، ހުރިހާ ވަސީލަތެއް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ އިމާރާތްތަކެކެވެ.



