ނ. ފަރުމުލީގައި ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަރުމުލީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، އެކަމަށް ޝައުގުވެރިވާ ބަޔަކު 21 ޖުލައި ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި 18 އޮގަސްޓް ވާ ހޯމަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ބީލަން ހުށަހެޅުމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެކެވެ.
ފަރުމުލި“ އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ވަނީ ކަނޑައަޅުއްވައިފައެވެ.
މިއަދު ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2025 އިން، މިލަދުންމަޑުލު ދެކުނުބުރީ ”ފަރުމުލި“ އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއާއެކު، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ”ފަރުމުލި“ ވަނީ ކަނޑައަޅުއްވާފައެވެ.




