އަމާޒަކީ ކުރިއަތް ދެެ އަހަރު ތެރޭގައި، އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުން ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިންގް ސާވިސްގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވި މިހާރު މޯލްޑިވިއަން ނުވަތަ އައިލެންޑް އޭވިއޭޝަން، ޤައުމީ އެއާލައިނެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ބޭނުންވަނީ، ”ޤައުމީ އެއާލައިން“ ގެ ސްޓޭޓަސްގެ ގޮތުގައި ހުރިހާ ކަމެއްވެސް އެ ކުންފުންޏަށް ކޮށްދިނުން ކަމަށެވެ.
އެގޮތުން އައިލެންޑް އޭވިއޭޝަން ކުރިއެރުވުމަށް މި ސަރުކާރުން ވަނީ މިދިޔަ އަހަރު ލިބުނު ގެއްލުންތައް ވަރަަށް ބޮޑަށް ކުޑަ (މިނިމައިޒް) ކޮށްފައިވާ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ ޓާގެޓަކީ، އައިލެންޑް އޭވިއޭޝަންގެ ޕީއެންއެލް ޕްލަސް، ނުވަތަ ނެގަޓިވް ފްލޯއަކުން ޕޮޒިޓިވް ފްލޯއަކަށް މިއަހަރު ބަދަލުކުރުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަން“ މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، އައިލެންޑް އޭވިއޭޝަނަކީ ކުރިއަަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭގައި ވަރަށް ބާރަށް ކުރިއަށްދާ ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ބަދަލުވެގެން ދިޔުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.


