ޤައުމީ އެކިއެކި މައްސަލަތަކާއި ޙާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ ދިވެހި ލިޔުންތެރިންގެ ދުވަސް ކަމަަށްވާތީ، ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ފޮނުއްވި ޚިޠާބުގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، އިންސާނާ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮންނަ އެއްކަމަކީ އިޞްލާޙުކުރުން ކަމަށާއި ކަންކަން ރަނގަޅު ކުރުމާއި އެކަމަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ.
މިގޮތުން ކުރެވޭ ވަރަށް މުހިންމު އެއް ކަމަކީ ލިޔުންކަން ފާހަގަ ކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، އިންސާނުންގެ ނަފުސުތަކާއި، މުޖުތަމަޢާއި، ޤައުމާއި ދުނިޔެ އިޞްލާޙުކުރުމަށްޓަކައި އެކި މައުޟޫޢުތަކުގައި ލިޔެ ޢިލްމު ފެތުރުމުގެ މަތިވެރި ޒިންމާ އަދާކުރާ ބަޔަކީ ލިޔުންތެރީން ކަމަށެވެ.
ރައީސް ވިދާޅުވީ، ލިޔުންތެރިކަމުގެ މި ބިންގަލުގެ މައްޗަށް ދިވެހި އިމާރާތް އުފުލުން އަބަދުވެސް އޮންނާނީ ކުރިޔަށް ކަމަށެވެ. އެގޮތުން މިއަދުގެ ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެއްޖެ ކަމަށާއި ލިިޔުންތެރީންގެ ދީނީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެއްޖެކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ދީނީގޮތުން ބަލާއިރު، ދިވެހީންގެ ޢަޤީދާއާއި އަދަބު އަޚްލާޤު ހަރުދަނާކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ޤައުމަށް ބޭނުންވާ ކަމަށާއި އިޖުތިމާޢީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވާކަން ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ. އަދި އިޤުތިޞާދީ ދާއިރާއަށް ބަލާއިރު، އައު ފުރުޞަތުތައް ތަޢާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ލިޔުންތައް މުހިންމުވާ ކަމަށާއި ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައިކަން ވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
”އެ މެނިފެސްޓޯ އެކުލަވައިލުމާއި، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި، ޤައުމީ އެކިއެކި މައްސަލަތަކާއި ޙާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަށް. ހަމަ އެހެންމެ ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ ޤައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގަައި މަޞްލަޙަތު ހިފެހެއްޓުމުގެ ޤައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީންނަށް“ ރައީސް މުޢިއްޒުގެ ޚިޠާބުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ، ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓު މެދުވެރިކޮށް ވެސް އަރިސްކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހިރާއްޖެ އުފެދި ނަން ދެވުނީ، ދިވެހިބަހުގެ ސަބަބުން ކަމަށާއި ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށެވެ. އަދި މިއީ އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބު ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ލިޔުންތެރިންްގެ ދުވަސް ފާހަގަކުރެވެނީ ދިވެހިރާއްޖޭގައި ފުރަތަމަ މަޖައްލާއެއް ނެރުނީ 1933ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު ކަމަށް ވާތީއެވެ. އެ މަޖައްލާގެ ނަމަކީ [އަލްއިޞްލާޙު] އެވެ. އެ މަޖައްލާ ބުނާ ގޮތުން އެ މަޖައްލާގެ މަޤުޞަދަކީ ތަފާތު އެކި ދާއިރާތަކުން ދިވެހި ޤައުމު އިޞްލާޙުކުރުމެވެ. ޚާއްޞަކޮށް ދީނާއި އިޖުތިމާޢީ ދާއިރާއެވެ. އިޤުތިޞާދާއި ސިޔާސީ ދާއިރާއެވެ. ޢިލްމާއި ސަގާފަތާއި ތާރީޚުގެ ދާއިރާއެވެ.




