މިދިޔަ މަހުގެ 26 ގައި ރ. ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ، މާލެ ގެނައި ޓީޗަރާއި 18 އަހަރުން ދަށުގެ ދެ ކުދިންނަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ސްކޫލްގެ ޕްރިންސިޕަލާއި ފިރިހެން އިސްލާމް ޓީޗަރަކު ކަސްރަތަަށް ނުކުމެ އުޅެނިކޮށް، 16 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލަކުން އެ މީހުންގެ ގައިގައި ޖެހިގެންނެވެ. އެ ސައިކަލުގެ ފަހަތުގައި އިނީ އެ ރަށު ސްކޫލުގެ ގްރޭޑު 9 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.
އެކްސިޑެންޓުގެ ސަބަބުން އެންމެންނަަށް ވެސް އަނިޔާވިނަމަވެސް، އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަަށްފަހު ޕްރިންސިޕަލް ފިޔަވައި އެންމެންވެސް ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އަދި ދެ ކުދިންނަށާއި ޓީޗަރަށްވަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާވެސް ދީފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެންމެން ވެސް މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި ކަމަށެވެ.
މި އެކްސިޑެންޓުގެ މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ސައިކަލު ގޮސް އެމީހުންގެ ގައިގައި ޖެހުނު ވަގުތު ޓީޗަރު ވަރަށް ދުރަށް ވިއްސައިގެން ދިޔަ އެވެ. އެ ހާދިސާގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން، މޭ މަށިގަނޑަށް ވެސް އަނިޔާވިއެވެ.



