އެކިއެކި މައްސަލަތަކާ ގުޅިގެން ކައުންސިލްތަކާ ގުޅޭގޮތުން ހަދާ އިންކުއަރީތައް ޢާންމުކުރަން ފެށުމާއެކު މަސައްކަތްތަކުގައި ޒިންމާދާރުވުމަށް ކައުންސިލްތަކަށް ބާރުއެޅޭކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވަނީ މައްސަލަތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީތަކުގެ ޚުލާސާ ޢާންމުކުރުމަށް އަންގަވާފައިވާކަން ހާމަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ އިންކުއަރީތައް ޢާންމުކުރުމަށް އަންގާފައިވަނީ އެލްޖީއޭއާއި ކައުންސިލްތަކުންކުރާ މަސައްކަތްތައް ޒިންމާދާރުކުރުމަށް ކަމަށާއި މިފަދަ ރިޕޯޓުތައް އާންމުކުރުމާއި ވީހާވެސް ގިނަ މައުލޫމާތު ހާމަކުރުމަކީ މިންހެޔޮ ސަރުކާރެއްގެ އެއް ސިފަކަމަށެވެ.
އިންކުއަރީތައް އާންމުކުރުމުން ކައުންސިލްތައް ޒިންމާދާރުވެ ޖަވާބުދާރީކުރުމަށް ފުރުސަތުތައް ފަހިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


