ބިންވެރިޔާ ސްކީމް މައްސަލައިގެ ތަހުގީގަށް، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު އެމަގާމުން މިއަދު ވަކިކޮށްފިއެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފައްޓަވާފައެވެ.
މިމައްސަލައާ ގުޅިގެން ފަޒީލްގެ އިތުރުން އޭނާގެ ކޮއްކޮ އަދި އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ވެސް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އަދި އެދެމީހުން ވެސް އަދާ ކުރަމުންދިޔަ މަގާމުތަކުން ސަސްޕެންޑު ކޮށްފައިވަނިކޮށް ފަޒުލް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެޗްޑީސީގެ އެމްޑީ ކަމުގެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.
މިމައްސަލައާ ގުޅިގެން ފަޒުލްއާއި ފަޒީލްވެސް ފުރުން މަނާކުރުމުގެ އިތުރުން ފަޒީލްގެ ފޯނުވެސް މިދިޔަ އަހަރު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.
ފަޒީލް ސަސްޕެންޑު ކުރިތާ 7 މަސް ވާން ކައިރިވެފައި ވަނިކޮށް، މިއަދު އެމްޑަބްލިޔުއެސްސީން ވަނީ، އެ ކުންފުނީގެ ޑީއެމްޑީ ކަމުގެ މަގާމުން މިއަދުން ފެށިގެން ފަޒީލް ވަކިކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
މިއީ އެމްޑަބްލިޔުއެސްސީގެ މަސްލަހަތުތައް ރައްކާތެރި ކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއް ކަމުގައި ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
”މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވާ“ އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.



