މޫދާ ގުޅުންހުރި ހާދިސާތަކުގައި މިދިޔަ 5 އަހަރު 112 ޓޫރިސްޓުން މަރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި މިއަދު އޮތީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވައިލަންޖެހޭ ގަވާއިދުތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ މަޝްވަރާކުރުމެވެ.
އެ ކޮމިޓީ ބައްދަލުވުމުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން މޫދުގައި މަރުވާ މައްސަލައާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެ ކޮމިޓީގައި މެންބަރު ކުޑޫ ވަނީ 2020ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މޫދުގައި ހިނގި ހާދިސާތަކުގެ ސްޓެޓިސްޓިކްސް ހާކުރައްވައިފައެވެ.
އޭގެން ހާމަވާ ގޮތުގައި އެ މުއްދަތުގައި މޫދުގައި ހިނގާ އެކިއެކި ހާދިސާތަކުގައި 112 މީހުން މަރުވިއެވެ.
އެގޮތުން:
- ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދުގައި ޖެހި މަރުވުން: 01 މަރު
- ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދުގައި ޖެހި އަނިޔާވުން: 09 ހާދިސާ
- ގެނބިގެން މަރުވުން: 68 މަރު
- ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވުން: 42 މަރު
- މޫދަށް ވެއްޓި މަރުވުން: 01 މަރު



