ފްރޯޑްގެ މައްސަލައެއްގައި ސުވާލު ކުރުމަށް ދެ ބިދޭސީއަކު ފުލުހަށް ހާޒިރުވާން މިއަދު އިއުލާނު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ މުޙައްމަދު އަސަދު (35އ) އަށާއި މުޙައްމަދު ތޮޔޮބުރު (31އ) އަަށެވެ.
މި ދެމީހުންވެސް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ، މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލު ކުރުމަށެވެ. އަދި އެ ދެމީހުންވެސް ހާޒިރު ވާން ޖެހެނީ މި މަހުގެ 15 ވަނަ ދުވަހުގެ 11:00 އަށް، ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.



