ޓިކްޓޮކްގައި ބޭއަދަބީކޮށް ވާހަކަ ދެއްކުމަށް މަޝްހޫރު ގދ. ތިނަދޫ/ އާމިނަތު ފޭޒުލީން (އޯކިޑް) ގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ރޭގައި ފުލުހުން ހިފަހައްޓައިފިއެވެ.
”އޯކިޑް“ ނަމުން ޓިކްޓޮކްގައި މަޝްހޫރުވެފައިވާ ފޭޒުލީންއަކީ ވަރަށް ގިނައިން ޓިކްޓޮކް ލައިވްތަކަށް އަރާ މީހެކެވެ. އަދި އެ ލައިވްތަކުގައި އާންމު މިންގަނޑުތަކާ ޚިލާފު ވާހަކަތައް ދެއްކުމާއި، ބޭއަދަބީކޮށް ވާހަކަ ދެއްކުމުގެ އިތުރުން، އެކި މީހުންނާ ވަރަށް ގިނައިން އޭނާ ޒުވާބުވެސް ކުރެއެވެ.
އޭނާގެ އެފަދަ އަމަލުތަކުގެ ސަބަބުން މީހުންގެ ނުރުހުން އިންތިހާއަށް ލިބި، އެތައް ބަޔަކު ވަނީ ”އޯކިޑް“ ގެ އެކަންޓު ރިޕޯޓުކޮށް، ފުލުހުންނަށް ވެސް އެ މައްސަލަ ރިޕޯޓު ކޮށްފައެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ޓިކްޓޮކް ލައިވްއެއްގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުވި މައްސަލައެއްގެ ތަހުގީގުގައި، ތުހުމަތު ކުރެވޭ މީހާ (އޯކިޑް / ފޭޒުލީން) ގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ރޭގައި ވަނީ ހިފަހައްޓާފައި ކަމަށެވެ.
ޓިކްޓޮކް އަކީ ދުނިޔޭގެ އެހެން އެކި ކަންކޮޅުތަކުގެ މީހުން، މުނިފޫހިފިލުވާލުމަށް ތަފާތު އެކި ކޮންޓެންޓުތައް އަމިއްލައަށް އުފައްދައިގެން ގެނެސްދޭ ސޯޝަލް މީޑިއާގެ ކުޑަ ސްކްރީނެކެވެ. ނަމަވެސް މި ރާއްޖޭގައި ގިނަ މީހުން މިހާރު ޓިކްޓޮކް ބޭނުން ކުރަނީ އެކަކު އަނެކަކާ ޒުވާބު ކުރުމަށާއި ބޭއަދަބީ ވާހަކަތައް ދެއްކުމަށެވެ. ޚާއްސަކޮށް ޓިކްޓޮކް ލައިވްތަކުގައި މިފަދަ އަމަލުތައް ގިނަކަން ވެސް ފާހަގަ ކުރެވެއެވެ.





1 Comment
ތީ މިހާރު ވަރަށް ބޮޑުވެއްޖެ ކަމެއް. މުސްކުޅި އުމުރުގަ އެއުޅޭ ގޮތުން އަމިއްލަ ދަރިންނަށްވެސް ލަދު ދޯ!