ހުޅުމާލޭ ހޮސްޕިޓަލުގެ ހިދުމަތްތައް ދިނުމަށް ދަތިވެ، އެތަން ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. އަދި މައްސަލަ ބަލައިނުގަތުމަށް 37 މެންބަރުން ވޯޓުދެއްވިއެވެ.
އެހެންކަމުން ރިޔާސަތުން ވަނީ އެ މައްސަލަ ބެލެން ނެތްކަމަށް ނިންމައި، މަޖިލިސް ތަޅުމުން ބޭރުކޮށްލާފައެވެ.
އެނގިފައިވާ ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިއްޔެ ވެސް އެ ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތަކަށް ބުރޫ އެރިއެވެ. އަދި ޚިދުމަތްތައް އަލުން ފެށީ ގަޑިއިރެއް ފަހުންނެވެ.
މީގެ ދެ ހަފުތާވަރު ކުރިން މިދިޔަ މަހުގެ 27ގައި ވެސް އެ ހޮސްޕިޓަލަށް ކަރަންޓު މައްސަލައެއް ދިމާވެ، އޯޕީޑީގެ ޚިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނެވެ. އެފަހަރު ބަދަލުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު 16ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށެވެ. އެފަހަރު މައްސަލަ އަލުން ހައްލުކޮށް އޯޕީޑީ އާންމު ހާލަތައް ގެނެވުނީ 6 ގަޑިއިރު ފަހުންނެވެ.




