ޕާކިސްތާނުގެ އެކްޓްރެސް އަދި މޮޑެލް ހުމައިރާ އަސްގަރް އަލީ މަރުވެފައި އޮއްވާ، އޭނާގެ ފްލެޓް ތެރެއިން މިދިޔަ އަންގާރަ ދުވަހު ފެނިއްޖެއެވެ.
ކަރާޗީގައި ހުންނަ އޭނާގެ ފްލެޓް ތެރޭގައި ހުމައިރާ މަރުވެފައި އޮއްްވާ ފެނުނީ، އޭނާ މަރުވިތާ ދެ ހަފްތާއަަށްވުރެ ގިނަ ދުވަސް ފަހުން ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޕާކިސްތާނުގެ ރިއަލިޓީ ޝޯ ”ތަމާޝާ ގަރް“ އަދި 2015 ގައި ރިލީޒްކުރި ”ޖަލޭބީ“ ފިލްމުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ހުމައިރާ، ފާއިތުވީ ހަތް އަހަރު ދިރިއުޅެމުން ދިޔައީ އެކަނި ކަމުގައި ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޖިއޯ ޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހުމައިރާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓުން ނުބައިވަހެއް ދުވާތީއާއި ފާއިތުވީ ދެ ހަފްތާ ތެރޭގައި އެ އެޕާޓްމަންޓުގައި އެއްވެސް ހަރަކާތެއް ހިނގާފައި ނުވާކަން އިހުސާސް ކުރެވިގެން، އަވަށްޓެރިން ވަނީ އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ.
ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް (ޑީއައިޖީ) ސައީސް އަސަދް ރަޒާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ހުމައިރާގެ އަވަށްޓެރިންގެ ފަރާތުން އެ ޝަކުވާ ލިބުމުން އެ ރޭ ދަންވަރު 3 ޖެހިއިރު އެ ފްލެޓަށް ގޮސް ދޮރުގައި ޓަކި ޖެހިކަމަށާއި ނަމަވެސް އެތައް ފަހަރަކު ޓަކި ޖެހުމުންވެސް ދޮރު ނުހުޅުވުމުން، ދޮރު ވައްޓާލައިގެން އެތެރެއަށް ވަންއިރު ހުމައިރާ މަރުވެފައި އޮތްތަން ފެނުނު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އޮތީ ކުނިވާން ފަށާފައި ކަމަށާއި އިތުރަށް ހެސި ތަހުލީލުތަކުން، ހުމައިރާ މަރުވިތާ ގާތްގަނޑާކަށް 3 ހަފްތާ ވާން ކައިރިވެފައިވާކަން ހާމަވިކަމަށް ވެސް އަސަދު ބުންޏެވެ.




