ކާރަކާއި ސައިކަލެއް ޖެހިގެން މިއަހަރުގެ މެއި މަހު ގދ. ތިނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މިއަދު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގީ، މެއި މަހުގެ 27 ވަނަ ދުވަހު ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން، ގދ. ތިނަދޫ ތިންމުތީ / ޒާހިޔާ ނިޔާޒް (31އ.) އަށެވެ.
ޒާހިޔާއަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އިމަޖެންސީގައި މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާދޭން ފެށިއެވެ. އޭނާގެ ހާލަތާ ބެހޭގޮތުން ފުލުހުން ކުރިން ވިދާޅުވީ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު، އިންފެކްޝަނެއް އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވެގެން އައިސިޔޫގައި ފަރުވާދެމުންދިޔަ ކަމަށެވެ.

ނަމަވެސް މިއަދުގެ ވަގުތެއްގައި ޒާހިޔާ ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީއިރު، އުމުރުން 9 އަހަރުގެ ފިރިހެން ކުއްޖަކުވެސް ދުނިޔޭގައި އެބަހުއްޓެވެ.
ޒާހިޔާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.




