މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލުތައް ނެރެފައިވަނީ ރާއްޖޭގެ ދެ ސަރަހައްދަކަށް ވަކިވަކިންނެވެ.
މެޓުން ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ. އަދި ދެވަނަ ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މެންދުރު 15:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިއްސާރައިގެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.
މި ވިއްސާރައިގެ ސަބަބުން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ކަނޑުތައް ގަދަވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. އެގޮތުން ބޯޓެއް ދިޔަވެ އަޑިއަށް ގޮސްފައިވާއިރު، ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ ވަނީ އުމުރުން ދުވަސްވީ މީހަކުވެސް ގެއްލިފައެވެ.
މި ދުވަސްވަރު ކަނޑު ދަތުރުފަތުރު ކުރާއިރު ވަރަށް ބޮޑަށް ފަރުވާތެރިވުމަށް މެޓުން އާންމުންނަށް އިލްތިމާސްކުރެއެވެ.



