ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ ފޮރެންސިކް ޑައިވިންގ ކޯހުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި ކޯހުގައި ހަތަރު ގައުމަކުން ޖުމްލަ 10 ފުލުހުން ބައިވެރިވެ، ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.
ފުލުހުން ބުނިގޮތުގައި ޖޫން 1 އިން ޖުލައި 10 އަށް ކުރިއަށް ގެންދިޔަ 40 ދުވަހުގެ މި ކޯހުގައި ދިވެހިރާއްޖެއިން 5 ފުލުހުންނާއި، ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާއިން 5 ފުލުހުން ބައިވެރިވިއެވެ. މި ކޯހަކީ ”އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ“ ގެ މަޢުލޫމާތު ހިމެނޭ ކޯހެކެވެ.
ފުލުހުން ބުނީ މޫދު އަޑީގައި ތަޙުޤީޤު ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ކޯހުގައި ތިން އިންސްޓްރަކްޓަރުންނާއި އެއް ސަލާމަތީ ސުޕަވައިޒަރު ހަރަކާތްތެރިވި ކަމަށެވެ.
ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ފޮރެންސިކް ޑައިވިންގ ފަދަ ފުލުހުންގެ ޚާއްޞަ ހުނަރުތަކަކީ މުހިންމު ކަމެއް ކަމަށެވެ.
ރަސްމިއްޔާތުގައި ކޯހުގެ އިންސްޓްރަކްޓަރުންނާއި އެހީތެރިވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ އިތުރުން، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކުރެވުނެވެ.
ރަސްމިއްޔާތު ނިމުނީ ޝަރަފުވެރި މެހެމާނާއެކު ގްރޫޕް ފޮޓޯއެއް ނެގުމަށްފަހުގައެވެ.



