ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ މޫދު ކުޅިވަރުތައް މަޑުޖައްސާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާއިރު، އިއްޔެ އެކަނި ވެސް ކަނޑުމަތީގެ ހަތް ހާދިސާ ރިޕޯޓުކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ ތެރޭގައި މާލެއިން ފުރައިގެން ލ. ހިތަދުއަށް ދަތުރުކުރި ބޯޓެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާއާއި، ގދ. ގައްދޫއިން ޑިންގީއެއްގައި އެކަނި ނުކުތް 79 އަހަރުގެ މީހަކު ގެއްލުނު ހާދިސާ ހިމެނެއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މިވަގުތު ވެސް ކަނޑުމަތީގެ އެކި ހާދިސާތައް ރިޕޯޓުކުރެވެމުން އަންނަ ކަމަށާއި، އެކި ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ވާރޭވެހޭ ކަމުގެ ރިޕޯޓުތައް ލިބެމުން އަންނަ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ހާލަތު ރަނގަޅުވަންދެން މޫދުކުޅިވަރުތައް މަޑުޖައްސާލުމަށް ފުލުހުން އިރުޝާދު ދީފައިވެއެވެ.




