މިދިޔަ ބުރާސްފަތި ދުވަހު ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ގދ. ގައްދޫ ކޯޒީރައުންޑް / ޒަކަރިއްޔާ މުޙައްމަދު (79އ.) ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިއްޖެ ކަމަށާއި ނަމަވެސް އޭނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން މިއަދު ހާމަކުރައްވައިފިއެވެ.
އެމްއެންޑީއެފްއިން މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ. ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ.
އެ ޑައިވް ކޮށްފައިވަނީ އެމްއެންޑީއެފްގެ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ. އެހެންނަމަވެސް، ޑިންގީއާއެކު ޒަކަރިއްޔާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ފުލުހުން މީގެކުރިން ވިދާޅުވި ގޮތުގައި، ޑިންގީއެއްގައިން ގައްދޫން ޒަކަރިއްޔާ ފުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ހާއިރެވެ. އަދި އޭނާގެ ހިލަމެއް ނުވެގެން ފުލުހުންނަަށް ރިޕޯޓު ކޮށްފައިވަނީ އެދުވަހު ހަވީރު 5:05 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ޒަކަރިއްޔާ ޑިންގީ އެއްގައި ގައްދޫއަށް ފުރީ، އެ އަތޮޅު ގަމަށް ދަނޑުވެރިކަން ކުރުމަށެވެ. ގައްދޫއާއި ގަމާ ދެމެދު އޮންނަނީ ވަރަށް ކުޑަ ކަނޑުއޮޅިއެެކެވެ.
ޒަކަރިއްޔާ ހޯދުމަށް އިއްޔެ ވެސް ކަނޑު މަގުންނާއި ވައިގެ މަގުގެ އިތުރުން ގަމާއި ގައްދޫ ވެސް ބަލައިފައިވެއެވެ.



