ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ މިއަދު ދޫކުރަން ފަށައިފިއެވެ.
ބަނޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 9:30 ގައި ކުރީގެ ހައުސިންގް މިނިސްޓްރީ ހުރި ތަނުގައެވެ.
މި ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ދަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ. މިއާއިއެކު ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ.
ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައި ވަނީ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.
”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާނަމަ އަދި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާނަމަ އެދުވަހަށް ހަމަޖެހިފައިވާ އެޕޮއިންޓްމެންޓް ކެންސަލްވާނެކަމަށް މިނިސްޓްރީއިން ބުންޏެވެ. އެހެންވެއްޖެނަމަ ދެން ޖެހޭނީ އާ އެޕޮއިންޓްމެންޓެއް ހަމަޖައްސަން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.




