އިންޑިއާގެ ނިއު ދިއްލީގައި ފިރިހެނެއްގެ ފޯނު ފޭރިގަތުމުން، އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާއެކީ ނަހަމަ ގުޅުމެއް ހިންގާކަން ފަޅާއަރައިފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، އެ ފިރިހެންމީހާ މަގުމަތިން ހިނގާފައި ދަނިކޮށް ސްކޫޓީއެއްގައި ދެމީހަކު އައިސް ވަނީ އޭނާގެ ފޯނު ފޭރިގަނެގެން ގޮސްފައެވެ. ފަހުން އެއީ އޭނާގެ އަނބިމީހާގެ ރޭވުމަކުން އެމީހުން ކުރިކަމެއްކަން ވަނީ ފަޅާއަރާފައެވެ.
ފޯނު ފޭރިގަތުމުން ފިރިހެންމީހާ ވަނީ އެ މައްސަލަ ސައުތު ދިއްލީ ފުލުހަށް އެ މައްސަލަ ހުށަހަޅާފައެވެ. އަދި ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރިކުރުމުން، އެއީ ފިރިހެންމީހާގެ އަނބިމީހާ ފޮނުވައިގެން ދިޔަ ބައެއްކަން ވަނީ ހާމަވެފައެވެ. އަދި އަނބިމީހާ އެކަން ކުރީ އޭނާގެ ލޯބިވެެރިޔާއާއެކު ނަގާފައިވާ ފޮޓޯތަކެއް ފިރިމީހާއަށް ފެނިދާނެތީ ބިރުންކަން ވަނީ ހާމަވެފައެވެ.
ފިރިމީހާގެ ފޯނު ޖަހައިގަތް މީހާ ވަނީ، އެ ހުރިހާކަމެއް ކުރީ އަނބިމީހާ ބުނެގެން ފޯނުގައި ހުރި ފޮޓޯތައް ޑިލީޓުކުރަން ވެގެން ކަމަށް ބުނެ ފުލުހަށް ބަޔާންދީފައެވެ. އަދި ފިރިމީހާގެ ފޯނުގައި ހުރި އެ ފޮޓޯތައް އޭނާވަނީ ފުލުހުންނާ ހިއްސާވެސް ކޮށްފައެވެ.


