އެޗްޑީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް، ޕީއެންސީގެ ވ. އަތޮޅުގެ ކެމްޕެއިނު މެނޭޖަރަކަށް ފަޒުލް ހަމަޖައްސައިފިއެވެ.
އެ މަގާމަށް ފަޒުލް ހަމަޖެއްސިކަމަށް ލިޔެފައިވާ ޕޯސްޓެއް ފަޒުލް ވަނީ އޭނާގެ ފޭސްބުކްގައި ހިއްސާ ކުރައްވާފައެވެ.
ފަޒުލް އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. އަތޮޅު ފެލިދޫ ތަމްސީލު ކުރެއްވި މެންބަރެކެވެ.
ޕީއެންސީން ފަޒުލްއާ ހަވާލުކޮށްފައިވަނީ ދާއިރާގައި ހިމެނޭ ތިން ރަށް ވެސް ހިމެނޭ ގޮތަށް ވ. އަތޮޅުގެ ހަ ރަށުގެ ކެމްޕެއިން މެނޭޖުކުރުމެވެ.
ބިންވެރިޔާ ސްކީމް މައްސަލައިގައި ތުހުމަތުތަކެއް ކުރެވޭތީ، މިދިޔަ އަހަރު ޑިސެމްބަރު މަހު އެޗްޑީސީގެ އެމްޑީ ކަމުން ފަޒުލް ސަސްޕެންޑު ކުރިއެވެ. އަދި އޭގެ ފަހުން އޭނާވަނީ އަމިއްލަފުޅުން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެ މައްސަލައިގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑީއެމްޑީ ވެސް މަގާމުން ސަސްޕެންޑު ކުރިއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނީގެ ބޯޑުން ވަނީ އޭނާ މަގާމުން ވަކިކުރަން ނިންމާފައެވެ.
ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލައިގައި މިހާތަނަށް އަދި ފަޒުލް އާއި އޭނާގެ ބޭބެއާ ދެކޮޅަށްވެސް އެއްވެސް ކަމެއް ސާބިތު ކުރެވިފައެއް، އަދި ހެއްކެއް ދެއްކިފައެއްވެސް ނުވެއެވެ.


