ރާއްޖޭގެ އެކިކަންކޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި މިއަހަރުގެ ނިޔަލަށް އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރެވޭނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ކުތުބުޚާނާ ހުޅުވުމަށް ރޭ ސަލްމާން މިސްކިތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރުކަމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި އެކަމުގެ މަސައްކަތް ބާރު ދުވެލީގައިކޮށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ހުޅުވިގެންދާނެ ކަމަށެވެ.
އެގޮތުން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައާއި، ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގައި އަދި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާ ޤާއިމް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މި ކުތުބުޚާނާތަކަށް އެކުވެރި ޤައުމަކުން 60،000 ފޮތް ހަދިޔާ ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރޭގައި ހުޅުވާފައިވާ އިސްލާމީ ކުތުބުޚާނާ އިތުރަށް ތަރައްޤީ ކުރުމަކީ ވެސް އިސްލާމިކް މިނިސްޓްރީގެ އަމާޒެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުތުބުޚާނާގައި ތުއްތުކުދިންނަށް ޚާއްސަ ބަަޔަކާއި އިސްލާމިކް ފައިނޭންސްއަށް ޚާއްސަ ބައެއްވެސް ކުރިއަށް އޮތްތަނުގައި ޤާއިމް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.




