ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 10ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، މާލެ / އަޙްމަދު ނަޘްމީން (28އ) އެވެ.
އޭނާ ހައްޔަރުކޮށް އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 214 ގުރާމެވެ. މީގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16800 އަށްވުރެ ގިނަ ރުފިޔާ ވެސް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ނަޘްމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




