ގދ. ގައްދޫން މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ޒަކަރިއްޔާ މުހައްމަދު (79އ.) ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރު ކުރަނިކޮށް ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވަނީ، ގަމު ކޮޅަށް ލައްގާފައި އޮއްވައެވެ.
ދަނޑުވެރިކަން ކުރުމަށްޓަކައި ޒަކަރިއްޔާ ގަމަށް ދާން ފުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ހާއިރެވެ. އަދި އޭނާގެ ހިލަމެއް ނުވެގެން ފުލުހުންނަަށް ރިޕޯޓު ކޮށްފައިވަނީ އެދުވަހު ހަވީރު 5:05 ހާއިރު ކަމަށް ފުލުހުން ކުރިން ވިދާޅުވިއެވެ.
ޒަކަރިއްޔާ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ފާއިތުވީ ދެ ދުވަހު ކޮށްފައެވެ.
އެ މަސައްކަތުގެ ތެެރެއިން، ޒަކަރިއްޔާ ދަތުރުކުރި ކުޑަ ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން އިއްޔެ ވަނީ ހޯދާފައެވެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ކުރިން ވިދާޅުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަމު ކޮޅުން ޒަކަރިއްޔާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:42 ހާއިރު ކަމަށެވެ.



