ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައި، ހުކުމާ ހަމައަށް އެ މައްސަލަ ހިނގައްޖެއެވެ.
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އޭނާ އެ މައްސަލަ ހުށަހަޅާފައިވަނީ މެންބަރު ސިނާންއާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން މިދިިޔަ އަހަރުގެ އޮކްޓޫބަރު މަހު ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ޣާލިބް ސަލީމްގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ ފައިސާ ނުދެއްކި އޮތީ ހުކުމްކުރިކަން ނޭނގި އޮތުމުން ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް ހުކުމް ކުރިތާ އެއް ދުވަސް ފަހުން ސިނާނަށް ވައިބާ މެދުވެރިކޮށް ކޯޓުން ހުކުމް ފޮނުވި ކަމަށެވެ. އަދި އެ މެސެޖް ލިބުނުކަމުގެ މެސެޖެއް ސިނާން ފޮނުއްވި ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބެންކުން ސިނާންއަށް ސިޓީއާއި މެއިލް ފޮނުއްވި ކަމަށް ވެސް ވަކީލު ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ވަކީލު ޝިޔާމް ވިދާޅުވީ މެންބަރު ސިނާންގެ ފަރާތުން ފައިސާ ދެއްކެވީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭންކުން ހުކުމް ތަންފީޒު މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.
ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދެއްކި ކަމަށް ވާނީ ހުކުމުގެ މުއްދަތުގައި ހުކުމުގައި ބުނާ ގޮތަށް ފައިސާ ދެއްކުމުން ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ގާނޫނުއަސާސީ މާނަކުރަން ޖެހޭ ހާލަތެއް ނެތެވެ. އަދި އެއީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތެއްކަން ވަރަށް ސާފު ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލީ ވަރަށް އަވަހަށް މައްސަލާގެ ހުކުމް އިއްވަން މަސައްކަތް ކުރާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ.



