އއ. މާޅޮހުގައި ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވި އެރަށު އޯކިޑްމާގެ ޢަބްދުއްރަހްމާން އާދަމް (65އ.) ގެ މަރާ ގުޅޭގޮތުން އިތުރު ތަހުގީގާއި ތަހުލީލުތައް ކުރުމަށް، އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޢަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނައުމަށް ނިންމައި ޕޯސްޓްމޯޓަމް ހެދުމަށް ވެސް ވަނީ ނިންމާފައި ކަމަށެވެ.
ޢަބްދުއްރަހްމާން ނިދާފައި އޮއްވާ އޭނާއަށް ހަމަލާދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާއަށް އޭނާ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ދަންވަރު 1:50 ހާއިރެވެ. އޭނާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.
”ސައުވީސް“ އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ޢަބްދުއްރަހްމާންގެ ބޮލަށް ހަމަލާ ދީފައިވަނީ މަރުތޭލަކުން ކަމަށް ބެލެވެއެވެ. އަދި ޢަބްދުއްރަހްމާނަކީ ސިހުރު ހަދާ މީހެއް ކަމަށް ރަށުތެރޭގައި ވާހަކަ ފެތުރޭ ކަމަށާއި އެކަމާ ގުޅިގެން ރަށުގެ ގިނަ ބަޔަކު އޭނާ ދެކެ ނުރުހޭ ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް އެފަދަ ތުހުމަތުތައް ސާބިތުކުރެވިފައި ނުވާ ކަމަށާއި އެއްވެސް މީހަކު އެފަދަ އެއްޗެއްވެސް އޭނާއާ ދިމާލަށް ބުނެފައިވާކަން އެނގިފައިނުވާ ކަމަށް އެމީހާ ބުންޏެވެ.
ފުލުހުން ވިދާޅުވީ ޢަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މިހާރު މާޅޮހުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެގޮތުން އެރަށަށް އަރާފައިބާ މީހުންވެސް މޮނީޓަރ ކުރަން ފަށާފައިވާ ކަމަށެވެ.



