ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު (އަލް)ގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
ރޭގައި ހިނގި މި ނުރައްކަަތެރި އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) ގެ ހުރި ހަމައެކަނި ދަރިފުޅެވެ.
ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
”މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން.“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މި އެކްސިޑެންޓުގައި ދެން އަނިޔާވެފައިވަނީ ކަފިހި ހުރަހުން މަގު ހުރަސް ކުރަން އުޅުނު އުމުރުން 40 އަހަރުގެ ފިރިހެނަކަށާއި އަލްސަން ދުއްވަން އިން ސައިކަލު ފަހަތުގައި އިން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
އޭގެތެރެއިން 40 އަހަރުގެ މީހާއަށް މިވަގުތު އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންދާއިރު، 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވޯޑުގައެވެ.
ރައީސް މުޢިއްޒު ވަނީ އެ ދެ ފަރާތަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް ވެސް އެދި ދުޢާ ކުރައްވަަފައެވެ.
ނިޔާވި އަލްސަންގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ އާސަހަރާގައި މިއަދު އަސްރު ނަމާދަށްފަހުއެވެ.



