ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް، ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަޙްމަދު ޒާހިރުއެވެ.
ޓްރޭޑްމަރކްގެ“ ބިލު މަޖިލީހަށް ހުށަހެޅުއްވީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމަރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށެވެ.
އެގޮތުން ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމަރކާ ގުޅިގެން އެޓްރޭޑްމަރކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި ޓްރޭޑްމަރކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިއަދު ހުށަހެޅުއްވި މި ބިލުގެ ދަށުން ”ޓްރޭޑްމަރކް“ ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމަރކެއް ރަޖިސްޓްރީ ކުރުމުންނެވެ.



