ހުޅުމާލޭގައި 4 ސްކްރީނުގެ ބޮޑު ސިނަމާއެއް ތަރައްޤީ ކުރަން ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވަހީދު މިހެން ވިދާޅުވެފައިވަނީ ރޭގައި ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި ހަތަރު ސްކްރީނުގެ މި ސިނަމާ ތަރައްޤީކުރުމަށް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
މިހާރު ރާއްޖޭގައި ރަނގަޅު ސިނަމާއެއް ނެތްކަން ފާހަގަކުރައްވާ މިއީ ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް ވިދާޅުވަމުން ޔޫތު މިނިސްޓަރ ވިދާޅުވީ މިހާރު ހުރި އޮލިމްޕަހަކީ ތީއޭޓަރއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަނަކަށް ވެފައި، އެތަނުގައި ފިލްމްތައް އެޅުވުމަށް މިހާރުވެސް ދަތިތަކެއް ހުރިކަމަށެވެ.
މިކަމަށް ހައްލެއް ގެނައުމަށް، އޮލިމްޕަސް ހުއްޓުމަކަށް ގެނެސް އައު ތަނެއް އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރވވަނީ ޒަމާނީ ފެންވަރުގެ ސިނަމާއެއް ހަދާއިރު ގިނަ ޚިދުމަތްތަކެއް ހުންނަންޖެހޭކަން ފާހަގަ ކުރައްވާފައެވެ.
”ސިނަމާއަކީ ވަރަށް ބޮޑަށް މުނިފޫހި ފިލުވާތަނެއް. އެތަނުން އެކި ފިލްމްތައް ބަލަން ވަދެވޭނެ. 4 ވަރަކަށް 6 ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ. މިއީ ތަޞައްވުރަކަށް ވާންޖެހޭނީ. އަޅުގަނޑުމެން، ހިޔާލު ހުއްޓިގެން ނުވާނެ އޮލިމްޕަސް އަޅަން. އަޅުގަނޑުމެން އަޅަން ޖެހެނީ، ރަނގަޅު ފެންވަރުގެ ސިނަމާއެއް“ ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.




