”ގެދޮރުވެރިޔާ“ ސްކީމުގެ 4000 ފްލެޓު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއެކު މި ހަފްތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓު ހަވާލުކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރޭގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރޭގައި ގެނެސްދިން ”އަހާ“ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމީހާ ސުވާލު ކޮށްފައިވަނީ ފްލެޓުތަކުގެ އެގްރީމެންޓުތައް އޮތީ ކިހާ ހިސާބަކުތޯ އާއި ފްލެޓުތައް ހަވާލުކުރެވޭނީ ކޮން އިރަކުންތޯ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ވެސް ނިންމާފައިވާ ގޮތަށް މި މަސް ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.
އެ މަސައްކަތް ލަސްވަނީ ލިސްޓުގައި ތިބި ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ކަންކަން ކުރިއަށްދާތީ ކަމުގައި ހައުސިންގް މިނިސްޓަރ މުއްތޮލިބް ވިދާޅުވިއެވެ.
މީގެއިތުރުން އެގްރީމެންޓުގައި ސޮއިކުރަން ބައެއް މީހުންގެ ލިސްޓުތަކެއް މިހާރު ފައިނަލް ވެސް ކުރެވިފައިވާ ކަމަށާއި، އެކަމަކު އޭގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތަކެއް އަދިވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މި ހަފްތާގެ ތެރޭގައި އެ މަސައްކަތްތައް ނިންމައި، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ މުއްތޮލިބު ދެއްވިއެވެ.
”ކުރިން ވެސް ދެންނެވި ގޮތަށް ޖުލައި މަސް ތެރޭ އެގްރީމެންޓުގައި ސޮއިކޮށް ފްލެޓުތައް ހަވާލުކުރުމުގެ ކަންކަން ފެށިގެންދާނެ. ނަމަވެސް މި ލަސްވަނީ ރައްޔިތުންނަށް ދެވޭ ހިދުމަތެއްގެ ގޮތުގައި ކުރަންޖެހޭ ކަމަކަށްވާތީވެ އޮފީހަށް ގެނެސްގެން ކުރެވޭނެ ކަމެއް ނޫން،“ ހައުސިންގް މިނިސްޓަރ މުއްތޮލިބު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ތަނެއް ހަމަޖައްސައި އެތަނުގައި ޓެންޓު ޖަހައި، ތަން ތައްޔާރުކުރުމުގެ މަސައްކަތާއި އެ މަސައްކަތައް ބޭނުންވާނެ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތެވެ.
ހަމައެއާއެކު އިދާރީ ގޮތުން ކުރަންޖެހޭ ބައެއް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތާއި، ފްލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ޔަގީންކޮށް، ލިއުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.



