ބަލި މީހުންނަށް ސިއްހީ އާލާތްތައް ހޯދައިދިނުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މަހު އެކަނިވެސް ދެ މިލިއަން އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.
އެންސްޕާއިން ރޭ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ޖޫން މަހު ސިއްހީ އާލާތްތަކާއި މެޝިން ހޯދައި ދިނުމަށް އެ އިދާރާއިން ވަނީ ޖުމްލަ، 2،356،435.66 ރުފިޔާ ހަރަދުކޮށްފައެވެ.
އެގޮތުން އެންމެ ގިނައިން ހޯދައި ދީފައިވަނީ ނޭވާލުމުގައި ދަތިކަން ހުންނަ މީހުން ނިދާއިރު އަޅާ ބައިޕެޕް މެޝިން އަދި މާސްކް ކަަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އޭގެ 29 މެޝިން މިދިޔަ މަހު ބަލި މީހުންނަށް ހޯދައި ދީފައިވެއެވެ. އެއީ ގާތްގަނޑަކަށް 800 ޑޮލަރާއި 3000 ޑޮލަރާ ދެމެދުގެ އަގަކަށް ލިބޭ މެޝިނެކެވެ.
ދެވަނައަށް މިދިޔަ މަހު އެންމެ ގިނައިން ހޯދައި ދީފައި ވަނީ އެނދުމަތި ކޮށްފައިވާ މީހުންނަށް ބޭނުންވާ ހޮސްޕިޓަލް ބެޑާއި އެއާ މެޓްރެސްއެވެ. އޭގެ 24 އާލާތް ވަނީ ހޯދައިދީފައެވެ.
ތިން ވަނައަށް އެންމެ ގިނައިން ހޯދައި ދީފައިވަނީ ހިއަރިން އެއިޑެވެ. އޭގެ 17 އާލާތް ވަނީ ހޯދައި ދީފައެވެ. އަދި 14 ފުރޮޅުލީ ގޮނޑިއާއި 11 އޮކްސިޖަން ކޮންސެންޓްރޭޓާ ހޯދައިދީފައިވެއެވެ. މީގެ އިތުރުން ވެސް އެހެން ސިއްހީ އާލާތްތަކާއި މެޝިންތައް ބަލި މީހުންނަށް ހޯދައިދީފައިވެއެވެ.
ދައުލަތުގެ ވެލްފެއާ ކަންކަން މެނޭޖު ކުރާ އެންސްޕާއިން ކޮންމެ މަހަކު ކުރާ ހަރަދުތައް މި ފަހުން އާއްމު ކުރަން ފަށާފައިވާއިރު އޭގެން އެނގެނީ ދިވެހީންގެ ބޭސް ފަރުވާއަށް ބޮޑު ހޭދައެއް ކުރާ ކަމެވެ.
އެންސްޕާގެ އެހީއަކީ އާސަންދައިން ދޭ ހިލޭ އެހީގެ އިތުރުން އަދި ދައުލަތުން ފޯރުކޮށްދޭ އެހީއެކެވެ.



