މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެންޕީއާރްސީ) ނުވަތަ މިހާރުގެ ނަމުންނަމަ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަަހަރީ އާންމު ޖަލްސާ (އޭޖީއެމް) މިއަދު ބާއްވައިފިއެވެ.
މި އަހަރީ ޖަލްސާ ވެގެންދިޔައީ، އެ ކޯޕަރޭޝަން ފައިދާއަށް އެނބުރު އައުމާއި ވަރުގަދަ މާލީ ޑިސިޕްލިންއާއި ސްޓްރެޓެޖިކް އިސްލާހުތަކެއް ގެނައުމުގެ މުހިންމު އަހަރަކަށް އަލިއަޅުވާލާފައިވާ ޖަލްސާ އަކަށެވެ.
މިދިޔަ އަހަރުގެ މާލީ އަހަރު އެމްއެމްޕީއާރްސީން 27،490،370 އެކުންފުންޏަށް ލިބުންކަން ރިކޯޑު ކޮށްފައިވާއިރު މިއީ ފާއިތުވީ ހަތަރު އަހަރު ތެރޭގައި އެ ކޯޕަރޭޝަނަށް ފައިދާވި ފުރަތަމަ އަހަރުކަން ފާހަގަވެއެވެ.
އެގޮތުން 2023 ވަނަ އަހަރު އެމްއެމްޕީއާރްސީން ވަނީ 17،997،662 ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފައެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި ބަދަލަކީ ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމުގެ އިޝާރާތެކެވެ.
ވޭތުވެދިޔަ އަހަރު ތެރޭގައި އެމްއެމްޕީއާރްސީ އިން ވަނީ މާލީ ހާލަތު ރަނގަޅު ކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.
މިގޮތުން އެކުންފުނީގެ ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް ވަނީ %10 މަދުކޮށްފައެވެ. އަދި ހުރިހާ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަރޝިޕްތަކުގެ ޕަރފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން 21 އިދާރާއިން އެންމެ ހަ އިދާރާއަށް ސްޓްރެޓެޖިކް ގޮތެއްގައި ދަށްކޮށް އެ ކޯޕަރޭޝަނަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވިފައެވެ. އަދި ކުރިން ޖުމްލަ މާކެޓިންގް ބަޖެޓުގެ %80 އާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގުވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް އެ ކޯޕަރޭޝަނުން އުސޫލުވެސް ވަނީ އަލުން އެކުލަވާލާފައެވެ. އެ އަދަދު މިހާރު ހުރީ %34 ގައެވެ.


