އދ. މާމިގިލި ކައިރިއަށް ފީނަން ފޭބި 15 އަހަރުގެ ލޫތު އަހްމަދު ނިޔާވުމަކީ ނުތަނަވަސް އިހްސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިހުސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށެވެ.
”އދ. މާމިގިލީގައި ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި. އެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.“ އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވެއެވެ.
ލޫތް ފީނަން ދިޔައީ ހަތަރު ކުޑަކުދިންނާއި އެކުއެވެ. އެ ކުދިންނަކީ ބޯވަ ނަގަންވެގެން މޫދަށް ފޭބި ކުދިންތަކެކެވެ.
އެ ހަތަރު ކުދިންގެ ތެރެއިން ލޫތް ގެއްލިގެން މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެއެވެ. ލޫތު ފެނިފައިވަނީ ފީނަން ފޭބި ސަރަހައްދާ ކައިރިންނެވެ.
އަދި ސިއްހީ މަރުކަޒަށް ގެނައިއިރު ވެސް ލޫތު ނިޔާވެފައިވާ ކަމަށް މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.



