މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) އާއި އައިމިނަތު ޒާރާގެ ކައިވެނި ރޫޅާލައިފިއެވެ.
ސިޔާމް އަދި ޒާރާގެ ކައިވެނި ރޫޅާލިކަން ޔަގީންކޮށްދިނީ ސިޔާމްގެ އަރިސް ބޭފުޅެއް ކަމަށްވާ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.
އައްބާސް ވިދާޅުވި ގޮތުގައި އެ ކައިވެންޏަކީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކުރެވުނު ކައިވެންޏެކެވެ. އަދި އެ ކައިވެނި ރޫޅާލާފައިވަނީ ވެސް ދެފަރާތުން މަޝްވަރާކުރުމަށްފަހު ރިވެތި ގޮތުގައެވެ.
”ސިޔާމް ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކު. ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅިއުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއް ނޫން،“ އައްބާސް ވިދާޅުވިއެވެ.

ސިޔާމް، ޒާރާއާ ކައިވެނި ބައްލައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ކައިވެންޏަށް ރާއްޖޭގެ ގިނަ ރައްޔިތުންގެ ސަމާލުކަން ލިބިގެން ދިޔައެވެ. ޒާރާއަށް އާންމުންގެ ސަމާލުކަން ލިބިގެން ދިޔައީ ބޮޑު އީދު ދުވަސްވަރު ކަމަދޫގައި ބޭއްވުނު ނެށުމުގެ ހަރަކާތްތަކުގައި އޭނަ ބައިވެރިވުމާއި ގުޅިގެންނެވެ.
އެގޮތުން އޭނަގެ ރީތިކަމުގެ ޖާދޫގައި އެތައް ބަޔަކު ޖެހުނު ވާހަކަ އެކިއެކި މީޑިއާތުކުން ގެނެސްދީފައިވެ އެވެ.
ސިޔާމަކީ ރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ އެއް ވިޔަފާރިވެރިޔާއެވެ. މީގެ އިތުރުން ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރެވެ.



