ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތް މަލްހޯތުރާއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.
ކިއާރާ ބަލިވެ އިންކަން އިއުލާނު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭގެ ފަހުން އޭނާ ވަނީ މިއަހަރުގެ މެޓް ގާލާގައި، ބަނޑުބޮޑުވެގެން ހުރެ ފުރަތަމަ ފަހަރަށް އާންމުންނަށް ފެނި ފޮޓޯވެސް ނަގާފައެވެ.
އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ކިއާރާ ވިހެއީ އިއްްޔެއެވެ. އަދި ދަރިފުޅާއި ކިއާރާގެ ހަަލުވެސް ރަނގަޅު ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.
ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ކިއާރާއާއި ސިދާތު ކައިވެނި ކުރީ 2023 ވަނަ އަހަރުގައެވެ. އެ ކައިވެނި ވެގެންދިޔައީ އެ އަހަރު އެންމެ ގިނަ ބައެއްގެ ސަމާލުކަން އަތުލި އެއް ކައިވެންޏަށެވެ.
ކައިވެނި ކުރުމާއި ދަރިއަކު ހޯދުމާ ބެހޭގޮތުން މީގެ ކުރިން އިންޓަވިއު އެއްގައި ކިއާރާ ބުނީ، އޭނާ ކައިވެނި ކުރާނީ ލޯބިން ކަމަށާއި އަދި ދަރިއަކު ވެސް ހޯދަން ބޭނުންވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެއިރު ކިއާރާ ބުނެފައިވަނީ، އޭނާއަކީ އަބަދުވެސް ޑަޔަޓު ކުރާ މީހަކަށްވާތީ، ބަލިވެ އިނީމަ އެއްވެސް ފިކުރެއް ނެތި ބޭނުން އެއްޗެއް ކެވޭނެ ކަމެވެ.



