ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ، ”މާ މޮޅު އިކޮނޮމިސްޓެއް“ ކަމަށް ހެދިގެން މި ޤައުމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބޭފުޅާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕަރސަން އަދި ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފާޑު ވިދާޅުވެއްޖެއެވެ.
ފައްޔާޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހަދަން ”މާ މޮޅު އިކޮނޮމިސްޓެއް“ ކަމަށް ދައްކަވައިގެން ރައީސް ޔާމީންގެ ވެރިކަމުގައި ނެގި ލޯނު ކަމަށެވެ.
އެގޮތުން ވެލާނާ އެއާޕޯޓް ތަރައްގީކުރުމަށާއި ދައުލަތުން ހަރަދެއް ކުރަން ނުޖެހޭ ގޮތަށް އެ އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރުއާ ހަވާލުކޮށްފައި އޮއްވައި، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ރައީސް ޔާމީން ކުރެއްވި ދެކޮޅު ނުޖެހޭ ކަމެއް ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. އަދި އެކަން ކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
ވީއައިއޭ ހިންގުން 25 އަހަރަށް އިންޑިއާގެ ޖީއެމްއާރްާ ހަވާލުކުރީ 28 ޖޫން 2010 ގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އެމްޑީޕީ ވެރިކަމުގައެވެ. ރައީސް ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ވެއްޓެން މެދުވެރިވި މައިގަނޑު އެއް ސަބަބަކީވެސް މިއެވެ.
ޖީއެމްއާރްއާއެކު ވީ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލުމުން، ގެއްލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) 15 ނޮވެމްބަރު 2016 ގައި ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާގެ އެ ކުންފުންޏަށް ދައްކައި ހަލާސްކުރިއެވެ.
ފައްޔާޒު މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ، ޔާމީންގެ ވެރިކަމުގައި ”އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިން“ ކަމަށެވެ.
”މިއީ މިހާތަނަށް ރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތު ވެސް ބަންދުވެއްޖެ“ ރައީސް ޔާމީނަށް ނުސީދާކޮށް ބަސްބުނެ ފައްޔާޒު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ފައްޔާޒް ވަނީ އާ ޓާމިނަލް މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މުޅި ދައުލަތަށް އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ވިދާޅުވެ، އެހާ ބޮޑު ގެއްލުމެއް ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަންޖެހޭތޯ ސުވާލު އުފައްދަވައިފައެވެ.



