ރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުޢިއްޒު މިއަދު އިނގިރޭސިވިލާތައް ވަޑައިގެންފިއެވެ.
އިނގިރޭސިވިލާތުން ރައީސް މުޢިއްޒުއަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ރަސްގެފާނުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ގްރޭޓާ ލަންޑަންގެ ޑެޕިޔުޓީ ލެފްޓިނެޓް މޭޖާ ޖެރެމީ ފާން އެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ މަތީފަންތީގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސަރުކާރުގެ އިސް ވަފުދެއްވެސް ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ބައްދަލުވުންތައް ބާއްވާނެއެވެ.
މީގެއިތުރުން އެ ބައްދަލުވުންތަކުގައި، ސަރުކާރު ހިންގުމާއި މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ތައުލީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރާނެއެވެ. އަދި ލަންޑަންގައި ބާއްވާ ވިޔަފާރި ފޯރަމެއްގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



