އަމިއްލަ ގޮތުންނާއި ސަރުކާރުގެ ރަސްމީ ވަޒީފާގެ ގޮތުންވެސް ދިވެހީންނަށް ބޭނުންވާ ސިއްހީ ޚިދުމަތް ފޯރުކޮަށްދެއްވުމުގައި 47 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވި ހ. ސެންޓާލަމް / ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
ކަރީމްބެ އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ. އަވަހާރަވީ އުމުރުން ދުވަސްވުމުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.
ދިވެހި ދައުލަތައް ކަރީމްބެ ޙިދުމަތް ކުރައްވަން ފެއްޓެވީ 1961 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުގައެވެ.
އެގޮތުން ފުރަތަމަ އަދާކުރެއްވީ ސިއްހަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ ވަޒީފާއެވެ. އުމުރުން 65 އަހަރުވެގެން 16 ޖުލައި 2009 ގައި ރިޓަޔާ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ ސިއްހީ ދާއިރާގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކަރީމްބެއަށް ވަނީ ދިވެހި ދައުލަތަށް އާންމު ޚިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާފައެވެ.
ކަރީމްބެ، ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެ ދުވަސްވަރު ހެލްތު ވޯކަރުން ތަމްރީނު ކުރުމަށް ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ވަޑައިގެން، ދެއްވި ތަމްރީނުތަކަށްފަހުގައެވެ. އަދި އެ ދާއިރާއަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އިންޑިއާއިންނާއި، ތައިލެންޑުން ވަނީ ކަމާގުޅޭ ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ.
ކަރީމްބެއަކީ، ޓީބީއާއި ފައިލޭރިއާއާއި، ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަހައްމަލްކުރި މީހުން އެކަހެރިކޮށް، އެ މީހުންނަށް ފަރުވާދިނުމުގައި، އެކި އަތޮޅުތަކުގައި ހުންނަވައިގެން، އެކިފަހަރުމަތިން ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅެކެވެ. އަދި މާލޭގެ ގޭގޭގެ ފެންވަޅުތައް ކްލޮރިނޭޓް ކުރުމުގެ މަސައްކަތާއި، ބޯން ބޭނުންކުރާ ފެން ޓެސްޓް ކުރުމާއި، ކޮލެރާ ދުވަސްވަރު ވެކްސިން ދިނުމުގެ މަސައްކަތާއި، ހޮޓާ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބައްލަވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް ވެސް ކަރީމްބެ ވަނީ ކުރައްވައިފައެވެ.
ކަރީމްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މައްޔިތާއަށް ޒިޔާރަތްކުރުން އޮތީ މިއަދު މެންދުރުފަހު 3:00 ވަންދެން އާސަހަރާގައެވެ.




