ސަރުކާރު ހިންގާ ޕީއެންސީގައި މިހާރު ”މެޑަމްގެ ނުފޫޒެއް“ ނެތް ކަމަށާއި އެ ޕާޓީ މިހާރު ހިންގަމުންދަނީ ރައީސާއި ލީޑަރޝިޕުން ކަމުގައި ވިދާޅުވެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްއަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ޕާޓީގެ ބޭފުޅުން ރަށްރަަށަށް ވަޑައިގަތުމުން ރައީސް ޔާމީނަށް ދެވަނަ ދައުރެއް ނުލިބުނީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތުން، ޕީޕީއެމްގެ ލީޑާޝިޕަށް އޭރު ނުފޫޒުފޯރުވައިގެން ކަމަށް ވިދާޅުވާ ކަމަށެވެ.
2018 ވަނަ އަހަރުގެ ދެވަނަ ދައުރަކަށް ރައީސް ޔާމީން ކުރިމަތިލެއްވިއިރު އެއިރުގެ ފަސްޓްލޭޑީ ފާތުން ވަނީ ވަކިން ކެމްޕޭނު އޮފީހެއް ހަދައި، އަރިސް ބޭފުޅުންނާ އެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވައިފަ އެވެ.
ނަމަވެސް ޕާޓީގެ ވަކި ބަޔަކު ގާތްކުރައްވައި ހަރަކާތްތައް ހިންގެވި ގޮތުން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންގެ ކަންބޮޑުވުންތައް އޭރު އޮތެވެ.
”މިހާރަކު އިރާދަފުޅު ކުރެއްވިއްޔާ މެޑަމްއެއް ނޫޅޭނެ މި ޕާޓީ ހިންގާކަށް. މި ޕާޓީ ހިންގަނީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑާޝިޕުން. އަޅުގަނޑުމެންގެ ޕާޓީގެ މީހަކަށް ވަޒީފާ ނުލިބިއްޖެއްޔާ އޮންނަ އުސޫލުގެ ތެރެއިން އެ މީހަކަށް ވަޒީފާ ލިބޭނެ. އެއީ ޕާޓީ ވެރިިކަން ކުރަން މި އުޅެނީ.“ ޝުޖާއު ވިދާޅުވިއެވެ.



