އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހު ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓްގެ ސަބްމިޝަން ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 8ވަނަ ދުވަހުއެވެ. އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއް ތާވަލުކުރިއެވެ.
އެގޮތުން ކޮމިޝަނުގެ ބައްދަލުވުމުން ނިންމީ އަންނަ ހޯމަ ދުވަހު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރު ރިޓަޔާކުރެއްވުމަށެވެ.
ރިޓަޔާކުރަން ކޮމިޝަނުން ނިންމިކަން، އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް ގަނޑުކޮށް 5 ލައްކައެއްހާ ރުފިޔާއާ އެކު މަހަކު 70،000 ރުފިޔާގެ އިތުރު އެލަންސެއް ދިނުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވިއެވެ.



