މިދިޔަ އާދީއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނަގައިފިކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ވެންޓިލޭޓަރުން ނެގިނަމަވެސް އޭނާގެ ހާލަތު ސީރިއަސްކަމުން އަދިވެސް ފަރުވާދެމުން ގެންދަނީ އައިސީޔޫ ގައެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ މާފަންނު ބަސް ޓާމިނަލް ކުރިމަތިން ހިނގި މި ހިތާމަވެރި އެކްސިޑެންޓުގައި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ދަރިފުޅު، 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ވަނީ ނިޔާވެފައެވެ.
މީގެ އިތުރުން އެކްސިޑެންޓުގައި 16 އަހަރުގެ އިތުރު ކުއްޖަކަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް، މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި، ކޮންޓްރޯލް ގެއްލިގެން ގޮސް ޕިކަޕެއްގައި ޖެހުމުގެ ސަބަބުންނެވެ. އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަކީ ބަސް ޓާމިނަލް ކައިރީގައި އޮންނަ ކަފިހިހުރަސްމަތިން މަގުގެ އަނެއް ފަރާތަށް ދާން އުޅުނު ވަގުތު އައި ސައިކަލުން ޖެހުނު ފަރާތެވެ.
އެކްސިޑެންޓު ހިނގި ވަގުތު ސައިކަލު ދުއްވަން އިނީ އަލްސަންކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަދި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަކީ އަލްސަން ދުއްވި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެވެ. މި ކުއްޖާއަށް މިވަގުތު ވޯޑުގައި ފަރުވާ ދެމުންދާކަން އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.




