ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ބާއްވާ ހަފްލާގައި 6،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު އަރުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެއެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި މި ހަފްލާގައި ކުރީގެ ރައީސުންނަށް ވެސް ދައުވަތު އަރުވާނެއެވެ. އަދި މާދަމާއިން ފެށިގެން އެކި ފަރާތްތަކަށް ދައުވަތު ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
”އަޅުގަނޑުމެން ބޭނުން މި އުފަލުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާން. އަޅުގަނޑުމެން ދައުވަތު ދެން ހުރިހާ ކައުންސިލްތަކާއި ރަށްތައް ވެސް ފުޓްބޯޅަ މޫސުމުގައި ފުޓްބޯޅަ ބަލާހެން އިވެންޓް ބަލަން ތިބެން،“މުޖުތަބާ ވިދާޅުވިއެވެ.
މި މަހުގެ 26 ވަނަ ދުވަހުގެރޭ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ހަމަޖެހިފައިވާ މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްޤީކުރެވޭ ޓާމިނަލެކެވެ.
މި ޓާމިނަލްގައި ހަ އެއިރޯ ބްރިޖާއި، ސެލްފް ޗެކިން ސިސްޓަމާއި، އޮޓޯމެޓިކް ބެގޭޖް ހޭންޑްލިންގ ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތައް ހިމެނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޓާމިނަލްގެ 54 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ވަނީ ފުރިހަމަކޮށްފައެވެ.
އަދި މިހާރު ދަނީ އާ ޓާމިނަލް ސަރަހައްދާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ވެސް ހަލުވި މިނެއްގައި ކުރިއަށެވެ.




